ގޮނޑިގެއްލޭ އިސްލާޙުގެ އާޚިރު ނަތީޖާއަކީ ރައްޔިތުންގެ ޙައްޤު ހަނިވެގެން ދިއުން: ވަކީލު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސައްހައެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފާއިވާ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅައި ފާސް ކުރި މި އިސްލާހަކީ، ގާނޫނުއަސާސީއާއި ހިލާފު މާއްދާތަކެއްކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް މައްސަލައެއް ވެއްދީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިނެވެ.

އަލީ ހުސައިންގެ ފަރާތުން މި މައްސަލަ ހުށަހަޅުއްވަމުން ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ، ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިމިވާ މައްސަލަ ބިނާވަނީ މައިގަނޑު 4 ސަބަބެއްގެ މައްޗަށް ކަމަށެވެ. އެގޮތުން މިއީ ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ޚިލާފު އިސްލާޙެއްކަމަށް ވަކީލު ވިދާޅުވިއެވެ.

އެއީ ގާނޫނުއަސާސީގެ ތަސައްވުރާ ދެކޮޅަށް އޮތް އަދި ވަކިން ހާއްސަކޮށް ގާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އޮނިގަނޑަށް ބަދަލުގެނުވާ ”ބޭސިކް ސްޓްރަކްޗަރ ޑޮކްޓްރިންއާ“ ހިލާފު އިސްލާޙެއްކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ، މި އިސްލާޙުގެ ސަބަބުން އަންނާނީ ބަރުލަމާނީ ނިޒާމެއްގެ ސިފަތައް ކަމަށާއި، ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ. އަދި މި ކަންކަމުގެ ސަބަބުން ފޫނުބެއްދޭވަރުގެ ގެއްލުންތަކާ ދައުލަތުން ކުރިމަތިލާންޖެހޭ ފަދަ ޙާލަތްތައް އައިސްދާނެކަމަށް ވަކީލު ވިދާޅުވިއެވެ.

މި އިސްލާޙުގައި މެމްބަރަކު ސިޔާސީ ޕާޓީތަކުން ވަކި ކުރުމުން ގޮނޑި ގެއްލޭކަމަށް ބަޔާންކޮށްފައިވާއިރު، އެކަމުގެ އެއްވެސް ތަފްސީލެއްވެސް އެނގެން ނެތް ކަމަށާއި، މުތުލަޤަށް ސިޔާސީ ޕާޓީއަށް އެ ބާރު ދެވިފައިވާކަމަށްވެސް ވަކީލު ވިދާޅުވިއެވެ. އެގޮތުން އިސްލާޙުގައި އޮތީ ޤާނޫނުގައިވާ ގޮތުގެ މަތިން ވަކި ކުރުން ކަމަށްވާއިރު، މި ޙާލަތުގައި އަމަލުކުރާނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށްކަމަށް ވަކީލު ވިދާޅުވިއެވެ. އަދި ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބޮޑަށް ބިނާވަނީ ޕާޓީތަކުގެ އަސާސީ ޤަވާއިދާ ހިންގާ ޤަވާއިދަށް އަމަލުކޮށް، އެ ޕާޓީތަކަށް ބާރުތައް އޮންނަ ގޮތަށް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

އެހާ ލުއިލުއިކޮށް ގެނެސްފައި އޮތް ނިޒާމެއް ނޫން ހަގީގަތުގައި މިއީ،

މި އިސްލާޙުތަކުގެ އާޚިރު ނަތީޖާއަކީ ރައްޔިތުންގެ ޙައްޤު ހަނިވެގެން ދިއުން ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ބަދަލުގެ ސަބަބުން ޤާނޫނުއަސާސީގެ 90 ވަނަ މާއްދާގައި މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒަށްވެސް ނުފޫޒު ފޯރުވޭކަމަށް ވަކީލު ވިދާޅުވިއެވެ.

މެމްބަރު އިތުރަށް ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ދިނުމާއި، މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަނުކުރުން ފަދަ އެތައް ކަމެއް މެމްބަރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެ ކަމަށާއި، މި އިސްލާޙުގެ ސަބަބުން އެ ނިންމުންތަކަށް ނުފޫޒު ފޯރުވައި ކޮންޓްރޯލް ކުރުމުގެ ފުރުސަތު އެ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއަށް އޮންނާނެ ކަމަށެވެ.

މުޅި ދައުލަތުގެ ކޮންޓްރޯލް ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ލިބިދޭގޮތަށް މި އިސްލާޙު މި އޮތީ

މީގެ އިތުރުން، ރައްޔިތުންނާ މަޝްވަރާ ކުރުމެއް ނެތި، މަދު ވަގުތުކޮޅެއްގެ ތެރޭގައި ޤާނޫނުއަސާސީއަށް މި އިސްލާޙު ގެނެސްފައިވުމުގެ ކަންބޮޑުވުންވެސް ވަކީލު ވަނީ ފާހަގަކުރައްވާފައެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި މައްސަލައިގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށެވެ. އެހެންކަމުން މިއީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު އިސްލާޙެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވަނީ އެދިފައެވެ.

އޭގެ އިތުރުން، އެ ޤާނޫނަކީ ރިޔާސީ ނިޒާމު ގަޑުބަޑުވެގެންދާގޮތަށް އެކުލަވާލާފައިވާ ޤާނޫނެއްކަމަށްވެސް މައްސަލައިގައި ބުނެފައިވެއެވެ.

ޤާނޫނަށް ގެނެސްފައިވާ މި އިސްލާޙަށް އަމަލު ކުރެވެމުންދާ މުއްދަތުގައިވެސް މި އިސްލާޙަކީ މިހާރު މަޖިލީހަށް އިންތިޚާބުވެފައިވާ މެމްބަރުންގެ މައްޗަށް ރަޖުއީކޮށް ތަތުބީޤު ކުރެވޭނެ (ފަހުން ހަދާ ޤާނޫނެއް ކުރިން ހިނގި ކަމެއްގެ މައްޗަށް ހިންގޭގޮތަށް އޮތުން) އިސްލާޙެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށްވެސް އަލީ ހުސައިން ހުށަހެޅުއްވި މި މައްސަލައިގައި އެދިފައިވެއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ 7 ފަނޑިޔާރުންގެ ބެންޗުންނެވެ.

Loading spinner

ހިޔާލު

.ތިޔަ އީމެއިލް އެޑްރެސް ޝާއިއު ނުކުރެވޭނެއެވެ ބޭނުންވާ ދާއިރާތައް ފާހަގަކޮށްފައި ހުރެއެވެ *