މީގެ ގާތްގަނޑަކަށް 800 އަހަރަށްވުރެ ކުރިން ދިވެހިރާއްޖެ އިސްލާމްވިއިރު އޭރު ރާއްޖޭގައި އޮތީ ރަސްކަމެވެ. ރައްކަމުގެ ތަޙްތުގައި އިންނެވީ ސްރީތިރިބުވަނަ އާދީއްތިޔަ މަހާރަދުންނެވެ. ނަމަވެސް އިސްލާމްވެވަޑައިގަތުމަށްފަހު ރަސްގެފާނުގެ ނަންފުޅު، މުޙައްމަދު ބުނު ޢަބްދުﷲ ސިރީ ބަވަނަ އާދީއްތިޔަ މަހާރަދުން ނުވަތަ ދަރުމަވަންތަ ރަސްގެފާނަށްް ބަދަލުކުރެވުނެވެ.
ރާއްޖެ އިސްލާމްވި ދުވަހޭބުނުމުން މިހާރުވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ދިވެހިންގެ ހިތަށް އެންމެ ފުރަތަމަ އަންނަ ވާހަކައަކަށް ”ރަންނަމާރި“ ވާހަކަ ވާނެކަން ގައިމެވެ. ރަންނަމާރި ވާހަކައަކީ ރާއްޖެ އިސްލާމްވި ހާދިސާއެއްގެ ގޮތުގައި އަޅުގަނޑުމެން ދިވެހީންގެ ތެރޭގައި ވަރަށް މަޤުބޫލުކޮށް ދެކެވުނު ވާހަކައެކެވެ. އަދި އެއްޒަމާނެއްގައި މި ވާހަކައަކީ ހަމަ ތެދު ޙަޤީޤަތްކަމާއި އެއީ ހަމަ އަސްލަށްވެސް ރާއްޖެ އިސްލާމްވީ ހާދިސާކަން ޤަބޫލުުކުރި މީހުން މަދެއް ނޫނެވެ. ނަމަވެސް ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުން މިއަދު އެއްބަސްވެލައްވާ ގޮތުގައި ރާއްޖެ އިސްލާމްވި ހާދިސާއާއި ގުޅުވައިގެން ދައްކާ ރަންނަމާރި ވާހަކައަކީ އޭގައި އެއްވެސް ހަގީގަތެއްނެތް ހިޔާލީ ވާހަކައެކެވެ.
ރާއްޖެއަކީ މީގެ އެތަށް ސަތޭކަ އަހަރުތަކެއް ކުރިން މީހުން ދިރިއުޅެމުން އައި ތަނެކެވެ. ޖާހިލުކަމާއި ޝިރުކުގެ ނުބައިކަމުގެ ތެރޭގައި ދިވެހިރާއްޖެ އޭރު އޮތްއިރު ރާއްޖޭގައި އޮތީވެސް އިސްލާމްދީނެއް ނޫނެކެވެ. ތަފާތު އެކި ދީންތައްކަމުގައިވެސް ބުނެވެއެވެ. ރަންނަމާރި ވާހަކަ ތުންތުންމަތިން ދެކެވެމުން އައިގޮތަށް ބަލާއިރު، މިދެންނެވި، ދިވެހީން ބުދު ދީނަށް އަޅުކަންކުރި ޒަމާނު، މާލޭގެ ވަރުނުލާ ރާޅުގަނޑާއި ދިމާގައި ހުންނަ ބުދުފަށްޅިއަށް ކޮންމެ ހަނދުމަހެއްގެ 15 ވަނަ ދުވަހު ރަންނަމާރި އަރާކަމަށްވެއެވެ. އަދި އެ ރެއަކު ގުރުއަތުން ހޮވޭ އަންހެންކުއްޖެއް ނަލަ ހެއްދުމަށްފަހު އެ ބުދުފައްޅިއަށް ގެންދަންޖެހެއެވެ. ފަތިސްވުމުން މީހުން ބުދުފައްޅިއަށް ދާއިރު އަންހެންކުއްޖާ އޮންނަނީ އިއްފަތްތެރިކަން ނަގާލައި، މަރާލާފައެވެ. ބައެއް ހަަދިސާތަކުގައި ބުނެފައިވާ ގޮތުން މި ރަންނަމާރީގެ ސިފައިގައި އަރަނީ، އޭރު ރަސްކަމުގައި ހުންނެވި ބޭފުޅާއެވެ. ކޮންމެ ހަނދުމަހެއްގެ 15 ވަނަ ވިލޭރޭ އަންނައިރު އަންހެންދަރިން ތިބޭ މައިންނާއި އަދި އެ މައިންގެ އަންހެންދަރިން ތިބެނީ ބިރުވެރިކަމެެއްގައެވެ. އެއީ ރަންނަމާރިއަށް ވެދުންކުރަން ޖެހޭ އަންހެންދަރިއަށް ވެދާނެތީ އޮންނަ ބިރުވެރިކަމެއް ކަމުގައިވެއެވެ.
ކޮންމެއަކަސް މިވާހަކަ ތަފާތު އެކި ގޮތްތޮތަށް ދެކެވެއެވެ. ނަމަވެސް ތާރީޚް ލިޔުއްވާ ބޭފުޅުން އެއްބަސްވެލައްވާ ގޮތުގައި މިވާހަކައަކީ ފުލޯކު ވާހަކައެކެވެ. ނަމަވެސް ދިވެހިރާއްޖެ އިސްލާމީ ހިދާޔަތުގެ މަގަށް އަޅުވައިދެއްވީ މަޣްރިބްކަރައިގެ ދީނީ ޢިލްމުވެރިއެއްކަމަށްވާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ ކަމަށްވެސް ތާރީޚް ދިރާސާކުރައްވާ ބޭފުޅުން އެއްބަސްވެލައްވައެވެ.