ގޮނޑިގެއްލޭ އިސްލާޙުގެ މައްސަލަ ބެލުމުގެ އިޙްތިސާސް ސުޕްރީމް ކޯޓަކަށް ނެތް: ދައުލަތް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސައްހައެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފާއިވާ މައްސަލައަށް ބަންޑާރަނައިބުގެ އޮފީހުން އިޖުރާއީ އިއުތިރާޒެއް ހުށަހަޅައިފިއެވެ.

ހޯމަ ދުވަހު މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި އިޖުރާއީ އިއުތިރާޒު ހުށަހަޅުއްވަމުން ބަންޑާރަނައިބުގެ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ، މި މައްސަލަ ހުށަހަޅާފައިވާ ގޮތަށް ބަލާއިރު، މައްސަލަ ހުށަހަޅާފައިވަނީ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާއާ ޙަވާލާދީ، ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) އަދި 3 ވަނަ ނަންބަރުގެ ދަށުން ކަމަށެވެ.

އެހެންނަމަވެސް މިހާރު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ގޮތަށް ބަލާއިރު، މިއީ ސުޕްރީމް ކޯޓަށް ބެލުމުގެ އިޙްތިސާސް ލިބިދޭ މައްސަލައެއް ނޫންކަމަށް ދައުލަތުގެ ބަންޑާރަނައިބު ދެކިލައްވާކަމަށް ވަކީލު ވިދާޅުވިއެވެ.

އެކަން ތަފްސީލު ކޮށްދެއްވަމުން އޭޖީ އޮފީހުގެ ވަކީލު ވިދާޅުވީ، ޤާނޫނުއަސާސީގެ އެއް މާއްދާ އަދި އަނެއް މާއްދާ ތައާރުޒުވާކަމަށް ބުނެ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިދާނެކަމަށް ޤަބޫލު ނުކުރެވޭކަމަށެވެ. އެގޮތުން މި މައްސަލައިގައި ހުށަހެޅި ފަރާތުން ބުނެފައިވަނީ، މި އިސްލާޙު ޤާނޫނުއަސާސީގެ 4 ، 26، 75، އަދި 90 ވަނަ މާއްދާއާ ޚިލާފުކަމަށެވެ.

އެހިސާބުން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ޤާނޫނުގެ މާނައިގެ ގޮތުގައި 25/2024 (ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު) ނުގުނޭނެތޯ ގިނަ ސުވާލުތަކެއް އަމާޒު ކުރައްވާފައެވެ.

ދުސްތޫރީ މައްސަލައިގެ މާނަ ކުރުމުގެ ތެރެއަށް ފެތެނީ ޤާނޫނުއަސާސީއާ ތަޢާރުޟްވުމުގެ ސަބަބުން ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް، ނުވަތަ ޤަވާޢިދެއް، ނުވަތަ ޤަވާޢިދެއްގެ ބައެއް، ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރުނު އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރި ކަމެއް ނުވަތަ ނިންމި ނިންމުމެއްކަމަށް ވަކީލު ވިދާޅުވިއެވެ. ނަމަވެސް މި ޙާލަތުގައި ހުށަހަޅާފައި މިވަނީ ޤާނޫނުގެ ބައެއް ނޫން ކަމަށާއި، މިހާރު ހުށަހެޅިފައިމިވަނީ ޤާނޫނުއަސާސީގެ އެއް މާއްދާ އަދި އަނެއް މާއްދާ ތައާރުޒުވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއްކަމަށް ވަކީލު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި މައްސަލައިގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށެވެ. އެހެންކަމުން މިއީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު އިސްލާޙެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވަނީ އެދިފައެވެ.

Loading spinner

ހިޔާލު

.ތިޔަ އީމެއިލް އެޑްރެސް ޝާއިއު ނުކުރެވޭނެއެވެ ބޭނުންވާ ދާއިރާތައް ފާހަގަކޮށްފައި ހުރެއެވެ *