ޕިރާޑުގެ ޤަލަމުން…. ”ދެކުނު މީހުން އެކަނި ސިފަ ހުތުރުވެފައި ކަޅުވެފައި އުޅުން ނުބައިއްޔަކީނޫނެވެ. ވާހަކަދައްކާ ބަސްވެސް ކުރަކިވެފަ މާ ހަޑިއެވެ.“

ރާއްޖާގެ ތާރީހާއި، ދިވެހިންގެ އުޅުމާއި ވައްޓަފާޅިއާއިގުޅޭގޮތުން ފެންނާންހުރި ފޮތްތައް ގިނައެވެ. އޭގެތެރޭގައި ދިވެހި މުސައްނިފުންނާއި ބޭރުގެ މުސައްނިފުންވެސް ރާއްޖެއާއިބެހޭގޮތުން ލިޔުއްވުންތައް ލިޔުއްވާފައިވެއެވެ. ”ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ“ މިއީ އޭގެތެރެއިން އެއް މަސައްކަތެވެ. އެއީ ފަރަންސޭސިވިލާތުގެ ލަވާލްއަށް އުފަންވި މަޝްހޫރު ސައްޔާހު ފްރެންކޯއީ ޕިރާޑް 17 ވަނަ ގަރުނުގައި ރާއްޖެ ސިފަކޮށް، ތަޖުރިބާކުރެއްވި ކަންކަމުގެ މައްޗަށް ލިޔުއްވި ލިޔުއްވުންތަކެކެވެ. ފަރަންސޭސިބަހުން ތިންފޮތަށް ޗާޕްކުރެވުނު ފޮތް އިނގިރޭސިވިލާތުގެ ޖަމާޢަތަކުން ޕިރާޑުގެ ”ދަ ވޮއެޖް“ އިނގިރޭސި ބަހަށް ތަރުޖަމާކުރެވިފައި ވަނިކޮށް 20 ވަނަ ގަރުނުގެ ތެރޭގައި މިފޮތް ދިވެހިބަހަށް ތަރުޖަމާކުރައްވައި ފުރަތަމަ ފަހަރަށް ނޫހުގެ ޒަރީޢާއިން ދިވެހިންނާ ހަމައަށް ގެނެސްދެއްވީ ހެންވޭރު މީރުބަހުރުގެ އަލްމަރުޙޫމް މުޙަންމަދު އިސްމާޢީލް ދީދީއެވެ. މިބައިގައި މިގެނެސްދެނީ ޕިރާޑް ރާއްޖޭގެ ކަންކަމާއިބެހޭގޮތުން ލިޔުއްވާފައިވާ ބައެއް ވާހަކަތައް ހުލާސާކޮށެވެ. 

ޕިރާޑު ލިޔުއްވާފައިވާގޮތުގައި އުތުރާއި ދެކުނުގެ މީހުންގެ މިޒާޖާއި، އުޅުމާއި، އަޚްލާގު ވަރަށްވެސް ތަފާތެވެ. އަދުގެ ޖީލަށް، މިވާހަކަތަކަކީ މުހިއްމު ވާހަކަތަކެއްކަމަށް ގަބޫލުކުރެވެއެވެ. މިއަދުވެސް އަޅުގަނޑުމެން އުޅެމުންމިދަނީ ޖަޒީރާ އެތައް ސަތޭކަ ރަށް ތަކެއްގެ މައްޗަށް ހިމެނޭ ދިވެހިރާއްޖޭގައެވެ. ރަށްތައް އޭގެ ޒާތުގައި ވަކިވެފައިވީނަމަވެސް، ދިވެހިންގެ ގިނަ ބަޔަކު އުޅެމުންމިދަނީ މަރުކަޒީ މާލޭގައެވެ. އުތުރާއި ދެކުނާއި މެދުރާއްޖެވެސް ހިމެނޭގޮތުންނެވެ.

ދެކުނު އަތޮޅުތަކުގެ މީހުން އެކަނި ސިފަ ހުތުރުވެފައި ކަޅުވެފައި އުޅުން ނުބައިއްޔަކީނޫނެވެ. އެބައިމީހުންގެ ވާހަކަދައްކާ ބަސްވެސް ކުރަކިވެފައި މާ ހަޑިއެވެ.- ޕިރާޑް

ޕިރާޑްގެ ނަޒަރުގައި ދެކުނުގެ މީހުންނާއި ހިލާފަށް، މާލެ ހިމެނޭގޮތުން އުތުރު މީހުންނަކީ އަޚްލާޤް ރަނގަޅު މާތް ބައެކެވެ. މިކަމަށް ބާރުދޭ މާގިނަ ވާހަކަތަކުގެ ހެއްކެއް ނެތެވެ.

ސުވާލަކީ ޕިރާޑް އުތުރާއި ދެކުނު މީހުން ސިފަކޮށްދީފައިވާގޮތާއިމެދު މިއަދު ދިވެހިން، ހާއްސަކޮށް އުތުރާއި ދެކުނުގެ މީހުން އެއްބަސްވަނީ ކިހާވަރަކަށްހެއްޔެވެ!؟

ތިރީގައިމިވަނީ ”އުތުރާއި ދެކުނު މީހުންގެ ތަފާތު“ ޕިރާޑަށް ތަޖުރިބާކުރެވުނު ގޮތުގެ ވާހަކައެވެ.

އުތުރާއި ދެކުނު މީހުންގެ ތަފާތު

އެބައިމީހުންގެ އުޅުމާއިމެދު ވިސްނާއިރު އުތުރުގެ އަތޮޅުތަކާ އަދި މާލޭގެ މީހުން، ދެކުނުގެ މީހުންނާ އަޅާ ބެލުމަށް ރީތިވެފައި އަޚްލާޤާއި އާދަކާދަތައް މާމޮޅެވެ. ދެކުނު އަތޮޅުތަކުގެ މީހުން އެކަނި ސިފަ ހުތުރުވެފައި ކަޅުވެފައި އުޅުން ނުބައިއްޔަކީނޫނެވެ. އެބައިމީހުންގެ ވާހަކަދައްކާ ބަސްވެސް ކުރަކިވެފައި މާ ހަޑިއެވެ. ދެކުނުގެ އަންހެނުން ހާއްސަކޮށް ފަޤީރުން ކުޑަވެސް ލަދެއްނެތި މުޅީންހެން އޮރިޔާމުން ބޭރަށް ނުކުމެ ހިނގާއުޅެއެވެ. އާއެކޭ އުނަގަނޑާ ކަކުލާ ދޭތެރޭ ކުޑަ ފޮތިކޮޅަކުން ނިވާކޮށްލައެވެ.

ބޭރު މީހުން ގިނައިން ރާއްޖެއަށް އައިސްއުޅެނީ އުތުރު ރަށްރަށުގައެވެ. އެތަންތަނުން މީހުންނާ އިންނަނީ މަދެއްކޮށެއްނޫނެވެ. މިކަމުގެ ސަބަބުން އެތަންގަނޑުގެ ދިވެހީން އެކަނި މުއްސަނދިވަނީއެއްނޫނެވެ. އުޅުން ރީތިވެ، ތަހުޒީބުވެސް ލިބެނީއެވެ. އެހެންވީމާ ރަނގަޅު މޮޅު މީހުން މުޅީންހެން އުފެދެމުންދަނީ މާލެއިން އުތުރުގެ ރަށްރަށުގައެވެ.

ރަސްގެފާނު ބޮޑެެތި އަދަބުދެއްވާ މީހުން ފޮނުއްވާލައްވަނީވެސް ދެކުނަށެވެ. މޮޅު މާތް މީހުންނަކީ މުޅީންހެން އުތުރުގެ މީހުންނެވެ. އަދި ސިފައިން (ހަގުބޭކަލުން) ނަށް ފުދޭ މީހުން ލިބެނީވެސް އުތުރުންނެވެ. އެތަންގަނޑުގެ މީހުންނަކީ އެބައިމީހުންގެ ވިސްނުމަށް އަލަށް ތަކެތި އުފައްދާން ދަންނަ މަސައްކަތްތެރިން ކުޅަދާނަ ބައެކެވެ. ޢިލްމު ނުޖޫމަކީ އެރާއްޖޭގައި ވަރަށް ބޭނުންބޮޑު އެއްޗެކެވެ. މިކަމަށް މޮޅު ފޮތްތެރީން ތިބީވެސް އުތުރުގައެވެ. އެބައިމީހުންނަކީ ވިސްނުންތެރި ހުޝިޔާރުބައެކެވެ.

މީގެއިތުރަށް ވިޔަފާރިއާއި އިޖްތިމާއީ ހަޔާތުގައި މަކަރުވެރި ޗާލާކުބަޔަކުމެއެވެ. އަދި ހަތިޔާރު ގެންގުޅޭން ދަންނަ އެކަމުގެ ހުނަރުތަކަށް ކުޅަދާނަ ހިތްވަރުހުރި ފިރިހެންދުޅާ ބައެކެވެ. އެބައިމީހުން މިހެވިކަން ދަސްކުރީ އެކަމަށް ކަނޑައަޅާފައިވާ އިންތިޒާމްތަކާއި ޤާނޫނުގެ ދަށުންނެވެ.

Loading spinner

ހިޔާލު

.ތިޔަ އީމެއިލް އެޑްރެސް ޝާއިއު ނުކުރެވޭނެއެވެ ބޭނުންވާ ދާއިރާތައް ފާހަގަކޮށްފައި ހުރެއެވެ *