ދަތުރުފަތުރު ހަރުދަނާކުރުމަކީ ބައިބޯ ސަރަހައްދުތަކުގައި އެންމެ ބޭނުންތެރި އެއް ފިޔަވަޅެވެ. އަދުގެ ސަރުކާރުންވަނީ ރައްޔިތުންގެ މި އެދުމަށް އިޖާބަ ދީފައެވެ. ގެނެސްފައިވަނީ ވަށާޖެހޭ މަސްލަހަތު ހިމެނޭ އެންމެނަށްވެސް ފައިދާވެގެންދާނެ ހައްލެކެވެ. ޓެކްސީގެ ހިދުމަތަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއިއެކު ލިބޭނެ ހިދުމަތެއްކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުންވަނީ ޓެކްސީ ލައިނެއް ތައާރަފްކޮށްފައެވެ.
ޓްރާންސްޕޯޓު މިނިސްޓްރީ އަދި އެމްޓީސީސީ ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތްތަކުގައި ލައިނު އޮޕަރޭޓްކޮށް ހިދުމަތް ދިނުމުގެ އަމަލީ ހުރިހާ މަސައްކަތްތަކެއް ކުރާނީ އެމްޓީސީސީއިންނެވެ. މި ހިދުމަތް ތައާރަފްކުރަން ޖެހުނު ސަބަބުތަކުގެ ތެރޭގައި ކަސްޓަމަރުން އެދޭ ވަގުތުތަކުގައި ޓެކްސީ ނުލިބުމުގެ މައްސަލަ ފާހަގަވެފައިވުން ހިމެނެއެވެ. އަދި ޓްރާންސްޕޯޓު މިނިސްޓްރީން ހިދުމަތް ދިނުމަށްޓަކައި އަގުތަކެއް ކަނޑައަޅާފައިވާއިރު އެއަށްވުރެ މަތިން އަގު ނަގައިގެން ދަތުރުކޮށްދިނުމާއި ހިދުމަތުގެ ފެންވަރު ދަށްވުމާއި ކަސްޓަމަރުންނާއި ހިދުމަތްދޭ ފަރާތްތަކުގެ ރައްކައުތެރިކަންވެސް ކަށަވަރު ނުވާ ހާލަތްތައް އައިސްފައިވުން ހިމެނެއެވެ.
ޓެކްސީ ސެންޓަރުތައް ގިނަވެފައިވާއިރު އިންތިޒާމެއް ނެތުމުގެ ސަބަބުން ބޮޑެތި ދަތިތައް ކުރިމަތިވުމުގެ މައްސަލަތައް ފެންމަތިވެފައިވާއިރު މިކަންކަމަށް ރިއާޔަތްކޮށް ހައްލެއް ގެނައުމުގެ މަގުސަދުގައި ސަރުކާރުން ފަށާފައިވާ ޓެކްސީ ލައިނު މެދުވެރިކޮށް 24 ގަޑީރު ހިދުމަތްތައް ލިބޭނެއެވެ. އަދި ކަރުދާސް ފައިސާ ބޭނުން ކުރަން ނުޖެހި ކޭޝްލެސް ހިދުމަތެއްގެ ގޮތުގައި ލިބިގަތުމަށް ފަހިވެފައިވާއިރު އެންމެ ރަނގަޅު ކޮލިޓީގެ ވެހިކަލްތަކުގައި ދަތުރުކުރެވޭނެއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދާނީ ރާއްޖޭގެ ތިމާވެށި ރައްކައުތެރިކުރުމަށްޓަކައި ސަރުކާރުން ގެންގުޅޭ ވިސްނުމާއި އެއްގޮތަށެވެ. ޓެކްސީ ލައިނުގެ ހިދުމަތުގެ ތެރެއިން ބޭނުންކުރާނީ 100 އިންސައްތައް ކަރަންޓުން ދުއްވާ އުޅަނދުތަކެވެ.
ކޮލިޓީ ރަނގަޅު އިންޓީރިއަރގެ އިތުރުން ލަގެޖުލާނެ ޖާގަ ހުންނާނެއިރު 5- 10 ފަސިންޖަރުން އެރުވޭނެއެވެ. މި ހިދުމަތް ދިނުމަށްޓަކައި ހާއްސަ އެޕްލިކޭޝަނެއް ވުޖޫދުކޮށްފައިވާއިރު އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީއެއް ހޯދުމަށް އެދުމުން އެންމެ ގާތުގައި އޮތް ޓެކްސީއެއް ކަނޑައެޅިގެންދާނެއެވެ. 7 ދުވަސް ކުރިންވެސް ހިދުމަތަށް އެދިވަޑައިގެންނެވޭނެއިރު އެއީ ގެރެންޓީ ދެވިފައިވާ ހިދުމަތެއްކަންވެސް ފާހަގަކުރެވެއެވެ. އެގޮތުގެމަތިން ހިދުމަތް ހޯއްދެވުމަށްޓަކައި އިތުރު އަގެއް ދައްކަންޖެހޭނެއެވެ.
ރައްކައުތެރިކަން ކަށަވަރުކުރުމުގެ މަގުސަދުވެސް ހިމެނިގެން ފަށާފައިވާ މި މަސައްކަތްތްތަކުގައި ބޭނުންކުރާ އުލަނދުތަކުގައި ދުވެލި މޮނީޓާރކުރުމުގެ ނިޒާމެއްގެ އިތުރުން ޑޭޝް ކޭމްއެއްވެސް ހަރުކޮށްފައި ހުންނާނެއެވެ. މި އުޅަނދުތަކުގައި އަގު ނަގާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތަށް ފިކްސްޑް ފެއަރ އުސޫލުންނެވެ.
މި މަސައްކަތްތަކުގެ ސަބަބުން އާންމުންނަށް ލިބޭނެ ލުއިފަސޭހަތަކަށް ބަލާލާއިރު ރަސްމީ ވަޒީފާގެ ބާޒާރަށް އައު ވަޒީފާތަކެއް އިތުރުވެގެންދިއުން ހިމެނެއެވެ. އެގޮތުން ޑްރައިވަރުގެ މަގާމާއި މެނޭނިކުންގެ އިތުރުން އޮޕަރޭޝަނަލް ފީލްޑުގެ ވަޒީފާތައް އުފެދިގެންދާނެއެވެ. ޕާޓް ޓައިމްކޮށްވެސް ފުރުސަތުތަކެއް ހުޅުވާލުމަށް ކަނޑައެޅިފައިވެއެވެ. އިތުބާރު ހިފޭނެ ގޮތެއްގެ މަތިން އޮންބޯޑް މޮނީޓަރިންގް ސިސްޓަމެއް ހިމެނޭ މި އުޅަނދުތަކުން ކޮންމެ ވަގުތެއްގައިވެސް ކޮންމެ ތަނަކަށް ވަޑައިގަތުމަށްވެސް ހިދުމަތް ލިބޭނެއެވެ. މިހާރު ޓެކްސީގެ ހިދުމަތް ދެއްވާ މީހުންނަށްވެސް މި ހިދުމަތުގައި ބައިވެރުވުމަށް ފުރުސަތު އޮންނާނެކަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ސަރުކާރުން މި ހިދުމަތްތައް ފެށިނަމަވެސް، މިހާރު ހަރަކާތްތެރިވާ އެއްވެސް ޓެކްސީއަކަށް ހިދުމަތްތައް ދިނުމުގައި ހުރަހެއް ނެތްކަން ފާހަގަކޮށްފައިވެއެވެ. ސަރުކާރުން ފަށާފައިވާ ހިދުމަތުގެ ދަށުން ވަޒީފާ އަދާކުރެއްވުމަށްޓަކައި ޓެކްސީއެއް ހޯއްދަވަން ނުޖެހޭނެއެވެ. އަދި ގަރާޖު ސިޓީއެއްވެސް ބޭނުން ނުވާނެއިރު ލައިސެންސް ލިބުމާއިއެކު ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.
މި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ އިތުރުން ޑްރައިވަރުންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމަށްވެސް ފިޔަވަޅުތައް އެޅިފައިވެއެވެ. އެގޮތުން ހުރިހާ އުޅަނދުތަކެއްވެސް ހުންނާނީ އިންޝުއަރެންސް ކުރެވިފައިކަމަށްވުމުން މަރާމާތަށް އަމިއްލަ ޖީބުން ހަރަދުކުރަން ނުޖެހުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ. ދުއްވާ މީހާގެ އިހުމާލުން ކަމެއް ދިމާވުމުން ނޫނީ އެއްވެސް ޒިންމާއެއް ނަގަން ނުޖެހޭނެކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
މި މަޝްރޫޢު ހިންގުމުގެ ތާވަލަށް ބަލާއިރު ތިން ފިޔަވައްސަކަށް ބަހާލާފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މި އަހަރު މާލެ ހުޅުމާލެ އަދި ވީއައިއޭ ސަރަހައްދުގައި ހިދުމަތް ދޭނެއިރު ދެވަނަ ފިޔަވަހީގެ ދަށުން ވިލިމާލެ ތިލަފުށި އަދި ގުޅީފަޅުގައި 2026 އަދި 2027 ވަނަ އަހަރުގައި ހިދުމަތް ފެށުމަށް ކަނޑައެޅިފައިވެއެވެ. ތިންވަނަ ފިޔަވަހީގައި ރަސްމާލެ އަދި ގިރާވަރުގައި ހިދުމަތް ފެށިގެންދާނެއެވެ.