ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތުގައި އަބަދުވެސް ފިޔަވަޅު އަޅަނީ ފަހަތަށް!

މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް މިވަނީ އާންމުކޮށްފައެވެ. މި އިންޑެކްސްއަށް ބަލާއިރު ދިވެހިރާއްޖެ އަދިވެސް ހިމެނިފައިމިވަނީ 50 ޕޮއިންޓްއިން ދަށުން ސްކޯ ކުރާ ތިންބައި ކުޅަ ދެބައި ގައުމުތަކުގެ ތެރޭގައެވެ. ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތްތަކާއި، އެ މަސައްކަތްތަކުގެ ނަތީޖާ ޙާސިލުވާ މިންވަރާމެދު މިވަނީ އެތައް ސުވާލުތަކެއް އުފެދިފައެވެ.

ޤައުމުގައި ކޮރަޕްޝަންގެ ވަބާ އިންތިހާއަށް ބޮޑުވަމުންދާއިރު، ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމުގެ ނިޒާމު ދޯހަޅިކަން މިއީ ފެންނަން އޮތް ބޮޑު ޙަގީގަތެކެވެ. މިއީ އެފަދަ މައްސަލަތައް ޤައުމުގައި ދުވަހެއް ދުވަހަކަށް އިތުރުވެ، ފުޅާވަމުންދާ އެއް ސަބަބުކަމަށްވެސް ބުނެވިދާނެއެވެ.

ކަންމިހެން އޮތްއިރު، އެކަމާ ގުޅުންހުރި މުއައްސަސާތަކުގެ ދުވެލި މިހާރަށްވުރެ ބާރު ކުރަން އެބަޖެހެއެވެ. ނިޒާމު ހިނގާކަން ރައްޔިތުންނަށް ކަށަވަރުވާނީވެސް، މިފަދަ މައްސަލަތައް ބަލައި، ލަސްނުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ.

ކޮރަޕްޝަން ގޮސް މުޅި ޤައުމުގައި މޫލައި، ރޭސް ނިންމާއިރު، ކަމާ ގުޅުންހުރި އިދާރާތަކާމެދު ރައްޔިތުންގެ އިތުބާރު ނުހަނު ކުޑައެވެ. އެހެން ދިމާވާ ސަބަބުތައްވެސް މަދެއް ނޫނެވެ. އެގޮތުން ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގުތައް ލަސްވުމާއި، މައްސަލަތަކުގެ ވާނުވާ ރައްޔިތުންނަށް ނޭނގުމާއި، އެންމެ ކުޑަމިނުން އެފަދަ މައްސަލަތަކުގައި ދައުލަތަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ އެކަށީގެންވާ ނިޒާމެއް ނެތުމަކީވެސް އާންމު ރައްޔިތުންގެ އިތުބާރު ކުޑަވާން ދިމާވާ ސަބަބުތަކެވެ.

އޭގެ އެއް މިސާލަކީ އެންޓި ކޮރަޕްޝަން ކޮމިޝަނާމެދު އާންމުންގެ ހުރި ޝަކުވާތަކެވެ. އެތައް އަހަރެއްވީ މައްސަލަތައް ކޮމިޝަނުގައި ފުނިޖެހެމުންދާއިރު، އެކަމަކީ ރައްޔިތުންގެ ޒަމާންވީ ޝަކުވާއެކެވެ. ކޮންމެ ދައުރެއްގައިވެސް އޭސީސީ ފެންނަނީ ރައްޔިތުންގެ ނުހަނު ގިނަ ޝަކުވާތަކާއި ކަންބޮޑުވުންތައް އޮތް މުއައްސަސާއެއްގެ ގޮތުގައެވެ. އެގޮތުން މައިގަނޑު ކަންބޮޑުވުމަކަށް އޮންނަނީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގު ލަސްކަމެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނަކީ ޤާނޫނުން މިފަދަ މައްސަލަތައް ބެލުމުގެ އެންމެ ބޮޑު ޒިންމާ ޙަވާލުވެފައިވާ މުއައްސަސާކަމަށްވާއިރު، އޭސީސީގެ ހިންގުން ހަރުދަނާ ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެކެވެ. ބޮޑެތި އެތައް މައްސަލަތަކެއްގެ ތަހުޤީޤު ލަސްވެ އޭސީސީގައި ފުނިޖެހިފައިވާއިރު، އިތުރަށް ހުށަހެޅެމުންދާ މައްސަލަތައްވެސް މަދެއް ނޫނެވެ. ފެންމަތިވަމުންދާ ބޮޑެތި އައު މައްސަލަތައްވެސް މަދެއް ނޫނެވެ.  އިންތިޚާބުތަކާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ޒާތުގެ އެތައް ކަންތައްތަކެއް ހިންގާ ބީދައިން މިހާރުވެސް އެފަދަ ބޮޑެތި މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ. ނަމަވެސް އޭސީސީން އަމިއްލަ އިސްނެގުމުގެ މަތިން އެފަދަ ކަންކަން ނުބަލާކަމުގެ ޝަކުވާވެސް ބޮޑެވެ.

ކޮރަޕްޝަންގެ ވަބާ ރާއްޖޭގައި ކުޑަކޮށް، ކޮރަޕްޝަން ފަދަ ކުށްތައް ތަހުޤީޤުކޮށް ފިޔަވަޅު އެޅުމަށް ޤާނޫނުން މަތިކޮށްފައިވާ މުއައްސަސާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަން ނަމަވެސް، އޭސީސީގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާ ނުކުރާ ކަމުގެ ޝަކުވާއަކަށް ނިމުމެއްނެތެވެ.

ވަކިން ޚާއްސަކޮށް ރައްޔިތުންނާ ގުޅުން ހުރި ބޮޑެތި މައްސަލަތަކުގެ ތަޙުޤީޤު ލަސްވަމުންދާތީ، ރައްޔިތުންވެސް އެ މުއައްސަސާއަށް އޮންނަ އިތުބާރު ވަނީ މުޅިންހެން ގެއްލިފައެވެ.

އޭސީސީން ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ކުރާތާ އެތައް އަހަރެއް ވަނީއެވެ. އަބަދުވެސް އިވެނީ ކޮންމެވެސް ދިރާސާއެއް ނުވަތަ ކޮންމެވެސް ސިޔާސަތެއް އެކުލަވާލާ ވާހަކައެވެ. ނަމަވެސް އެކަމުގައި އަހަރުތައް ހޭދަވެގެންދާއިރު ކުށް ކުރާ މީހުން އޭގެ ނާޖާއިޒު ފައިދާ ނަގައި، ހެއްކައް ނުފޫޒު ފޯރުވުން ފަދަ އެތައް ކަމެއް ހިންގައެވެ.

މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންކަން ވިލަރެސްކޮށް، އިންތިޚާބުގައި ހިންގާފާނެ ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވައި ނަޒާހަތްތެރި އިންތިޚާބެއް ބޭއްވުމަށް ބާރުއެޅުމުގެ ގޮތުން ކޮމިޝަނުން ގެންގުޅޭނެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެކުލަވާލާފައިވާ ސްޓްރެޓެޖީއެއް ދާދި ފަހުން ވަނީ އެކުލަވާލާފައެވެ.

އެހެންނަމަވެސް މެމްބަރުންނަށް ޕާޓީ ބަދަލު ކުރުމާއި، މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަންކަމުގެ މުޤާބިލުގައި ބޮޑެތި އަދަދުތަކުން ރިޝްވަތު ހުށަހަޅަމުންދާކަމަށް އެތައް ބަޔަކު ބުނަމުންދާއިރު، އެ މަންޒަރުތައް މި ވޭތުވެދިޔަ އެކި އަހަރުތަކުގައި އޭސީސީއަށް ފެންނަހެނެއް ހިއެއް ނުވެއެވެ. އެންމެ ފަހުން މިހާރު މިވަނީ ޤާނޫނުއަސާސީއަށް އިސްލާޙު ގެނެސް، މެމްބަރުން ޕާޓީ ބަދަލުކުރުމުގެ މައްސަލަތައް ޙައްލު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ.

އަދި ބޮޑެތި ވައްކަމާއި ޙިޔާނާތުގެ ތުހުމަތު ކުރެވޭ މީހުން އެ ފައިސާއިން ވިޔަފާރި ކުރަމުންދާއިރު، އިންސާފުގެ ކުރިމައްޗަށް ނުގެނެވި ލަސްވަމުންދާއިރު، އޭސީސީ ކޮބައިތޯވެސް ގިނަ މީހުން ސުވާލުކުރެއެވެ.

ހަގީގަތުގައި ބުނަންޖެހެނީ ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމުގެ ނިޒާމު ދޯހަޅިކަމެވެ.

ކޮންމެ އަހަރަކުވެސް ސީޕީއައިގެ އަދަދުތަކުން ދައްކުވައިދެނީ ރާއްޖޭގައި ކޮރަޕްޝަންގެ ވަބާ ނައްތާލުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމެވެ. ކޮރަޕްޝަންގެ މައްސަލަތަކުގައި ބައިވެރިވާ ސިޔާސީ އަދި ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ މުވައްޒަފުން ޒިންމާދާރު ކުރުވުމަށް ކުރަންޖެހޭ ތަހުގީގުތަކާއި، ޤާނޫނު ތަންފީޒު ކުރުން ފަދަ ކަންކަން ހަރުދަނާ ކުރަންޖެހިފައިވާކަމެވެ. ޤައުމުގައި ނިޒާމީ ގޮތެއްގައި ކޮރަޕްޝަންގެ މައްސަލަތައް އަށަގަންނަމުންދާއިރު، މުޅި މި ނިޒާމު ރިފޯރމް ކުރުމަށް އަވަސް މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމެވެ.

މީގެ އިތުރުން، ދައުލަތުގެ ހިންގުމުގެ ނިޒާމުގައި ހުރި ބަލިކަށި ކަންކަން ދެނެގަނެ އެކަންކަން ހަރުދަނާ ކުރުމާއި، ޖަވާބުދާރީކުރުވުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ އިތުރުން، ކޮރަޕްޝަނާ ދެކޮޅަށް ޤާނޫނު ތަންފީޒުކުރާ މިންވަރު އިތުރުކުރުމަކީވެސް ކޮންމެހެން ކުރަންޖެހިފައިވާ ކަންކަމެވެ.

Loading spinner

ހިޔާލު

.ތިޔަ އީމެއިލް އެޑްރެސް ޝާއިއު ނުކުރެވޭނެއެވެ ބޭނުންވާ ދާއިރާތައް ފާހަގަކޮށްފައި ހުރެއެވެ *