އެއް ގަލަކަށް އަރަން ބޭނުމަސް ނެތް ގަލަކަށް އެރިދާނެތަ؟

ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު.

އިންސާނީ ގުޅުންތަކުގައި އެއް ގަލަކަށް އަރަން ބޭނުންވިޔަސް، ނެތް ގަލަކަށް އެރުމަކީ ވަރަށް ދަތި ކަމެކެވެ. މިއީ ސިޔާސީ މައިދާނުގައިވެސް ވަރަށް ބޮޑަށް ދިމާވާ ކަމެކެވެ. މިފަދަ ހާލަތްތަކުގައި އަޅުގަނޑުމެން ވިސްނާލަންޖެހޭ ބައެއް މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ.

މީހެއްގެ ފަރާތުން ގެއްލުންތަކެއް ލިބިގެންގޮސްފިނަމަ، ދެވަނަ ފަހަރަކަށް އެފަދަ ހާލަތެއް މެދުވެރިވާން ޖާގަ ނުދިނުމަށް ބުނާ އަޑު އަޅުގަނޑުމެންނަށް އިވެއެވެ. މާފުކުރިޔަސް އެމީހަކު އެ މިންވަރަށް ގާތް ނުކުރުމަށް ނަސޭހަތްތެރިވެއެވެ. މިއީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް، މާފުކުރުމަކީ ނަފްސަށްޓަކައި ކުރާ ކަމެއްކަން ހަނދާން ބަހައްޓަންޖެހެއެވެ. މީހަކާމެދު ހަސަދަވެރިކަމެއް ނުވަތަ ރުޅިވެރިކަމެއް ގެންގުޅުމަކީ ފަނާކުރަނިވި މަގެެކެވެ.

މިއަދު އެމްޑީޕީއަށް ކުރިމަތިވެފައިވަނީ މި ދަތުރެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް އެ ޕާޓީއާ ދިމާލަށް މިސްރާބު ޖަހައިފިއެވެ. އެމަނިކުފާނުވަނީ ދާދި ފަހުން ސޯޝަލް މީޑިއާގައި އާންމުކުރެއްވި މެސެޖެއްގައި އެމްޑީޕީ ރޫޅާލުމަށްފަހު އުފފެއްދެވި ޕާޓީ ޑިމޮކްރެޓްސް އަލުން އެޕާޓީއާއެކު މަސައްކަތްކުރުމަކީ މިވަގުތު ގައުމަށް އެންމެ ފައިދާކުރާނެ ގޮތްކަމަށް ދެކިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.

އެމަނިކުފާނުގެ މި ވާހަކަތަކާއެކު ގިނަ ބަޔަކުވަނީ ޝުއޫރު ފާޅުކޮށްފައެވެ. އެއް ބަޔަކު އެމަނިކުފާނަށް މަރުހަބާ ކިޔާފައިވާއިރު އަނެއް ބަޔަކުވަނީ އެމަނިކުފާނަށް މާފެއް ނެތްކަމަށް ބުނެފައެވެ. އެމްޑީޕީގެ ރަން ރީނދޫ ވެރިކަމުން ކުލަވެއްޓިގެންދިޔައީ އެމަނިކުފާނުގެ ސަބަބުންކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ސިޔާސީ މައިދާނުގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު ރައްޔިތުންނަކީ ވަރަށް ފަސޭހައިން ހަނދާން ނެތޭ ބައެއްކަމަށް ބުނެ އުޅޭ އަޑުއިވިގެންދެއެވެ. އެހެންކަމުން މިވަގުތުގައި އެމްޑީޕީ ރޫޅިގެންދިއުމަށް މެދުވެރިވި ސަބަބުތަކުގެ މަތިން ހަނދާން އައުކޮށްލުން މުހިންމުކަމަށް ފެނިގެންދެއެވެ.

ބުނާ ގޮތުގައި އެމްޑީޕީ ރޫޅިގެންދިޔައީ އެއް ގަލަކަށް އެރޭތޯ ވަރަށް ގިނަ މަސައްކަތްތަކެއް ދެފަރާތުގައި ތިއްބެވި އިޚްލާޞްތެރި ބޭފުޅުންތަކެއް ކުރެއްވުމަށްފަހުއެވެ. މި ފާހަގަ ކުރީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި ރައީސް މުހައްމަދު ނަޝީދުގެ ވާހަކައެވެ. އެ ދެ ބޭފުޅުންނަށް އެއްގަލަކަށް ނޭރުނެވެ. އެހެންކަމުން މިއަދު އަލުން ގުޅޭ ވާހަކަތަކާއި އެއްގަލަކަށް އަރާ ވާހަކަތައް އިވުމުން ކުރެވޭ ސުވާލެއް އެބަ އޮތެވެ. އެއް ގަލަކަށް އަރަން ބޭނުމަސް ނެތް ގަލަކަށް އެރިދާނެތޯއޯއެވެ؟

މި ސުވާލުގެ ޖަވާބު ހޯދުމަށް އަޅުގަނޑުމެން ފުންކޮށް ވިސްނާލަން ޖެހެއެވެ. ސިޔާސީ މައިދާނުގައި ކަންކަން ހިނގާގޮތަށް ބަލާއިރު، އެއްފަހަރު ރޫޅިފައިވާ ގުޅުމެއް އަލުން އާރާސްތުކުރުމަކީ ވަރަށް ދަތި ކަމެކެވެ. ނަމަވެސް، އެއީ އެއްގޮތަކަށްވެސް ނުކުރެވޭނެ ކަމެއްކަމަކަށް ނުބުނެވޭނެއެވެ.

އެމްޑީޕީގެ މިހާރުގެ ހާލަތަށް ބަލާއިރު، ކުރީގެ ރައީސް ނަޝީދާއި އެ ޕާޓީއާ ދެމެދު އޮތް ގުޅުން އަލުން ބަދަހިކުރުމަށް ގިނަގުނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި އެއް ކަމަކީ އިތުބާރު ގެއްލިފައިވުމެވެ. ދެފަރާތުގެ ދެމެދުގައި އޮތް އިތުބާރު ވަނީ ބޮޑުތަނުން ގެއްލިފައެވެ. މިކަން އަލުން ބިނާކުރުމަށް ގިނަ ވަގުތާއި މަސައްކަތް ބޭނުންވާނެއެވެ.

ދެވަނަ ކަމަކީ ތަފާތު ވިސްނުންތަކެވެ.  ދެފަރާތުގެ ސިޔާސީ ވިސްނުމާއި އަމާޒުތައް ވަނީ ވަރަށް ބޮޑަށް ތަފާތުވެފައެވެ. މި ތަފާތުތައް ފިލުވުމަކީ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ތިން ވަނަ ކަމަކީ މެންބަރުންގެ ރުހުމެވެ. ޕާޓީގެ ގިނަ މެންބަރުން މިހާރު ދެކޭގޮތުގައި ރައީސް ނަޝީދު އަލުން ޕާޓީއަށް ވަދެވަޑައިގަތުމަކީ ރަނގަޅު ކަމެއް ނޫނެވެ. މި ވިސްނުން ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ.

އަނެއް ކަމަކީ ކުރީގެ ތަޖުރިބާތަކެވެ. ކުރީގައި ދިމާވެފައިވާ ނޭދެވޭ ތަޖުރިބާތަކުކުގެ ސަބަބުން، ގިނަ ބަޔަކު ދެކޭގޮތުގައި މި ގުޅުން އަލުން ގާއިމުކުރުމަކީ ރިސްކް ބޮޑު ކަމެކެވެ. ނަމަވެސް، މި ހުރިހާ ގޮންޖެހުންތަކާއެކުވެސް، ސިޔާސީ މައިދާނުގައި ކަންކަން ބަދަލުވަމުންދާ ބާރުމިނަށް ބަލާއިރު، މުޅިން އެއްކިބާކޮށް ދޫކޮށްނުލެވޭނެއެވެ. ދެފަރާތުން އިޚްލާޞްތެރިކަމާއެކު މަސައްކަތްކޮށްފިނަމަ، އަދި ޤައުމީ މަޞްލަޙަތު އިސްކޮށްފިނަމަ، އެއް ގަލަކަށް އެރުމުގެ ފުރުޞަތު އޮތްކަމަށް ބެލެވެއެވެ.

ކޮންމެއަކަސް އަޅުގަނޑުގެ ހިޔާލުގައި އެއް ގަލަކަށް އަރަން ބޭނުމަސް ނެތް ގަލަކަށް އެރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް، އެއީ މުޅިން ނުކުރެވޭނެ ކަމެއްވެސް ނޫނެވެ. މިކަމުގައި މުހިންމީ ދެފަރާތުންވެސް އެކަކު އަނެކަކަށް މާފުކޮށް، ކުރީގެ ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެ، ޤައުމީ މަޞްލަޙަތަށްޓަކައި އެއް އަމާޒަކަށް މަސައްކަތްކުރުމެވެ. މިގޮތަށް ކަންކަން ކުރެވިއްޖެނަމަ، އެއް ގަލަކަށް އެރުމުގެ ފުރުޞަތު އޮތްކަމަށް ޔަޤީންކުރެވެއެވެ.

By mariyam

Related Post

Leave a Reply

Your email address will not be published. Required fields are marked *