އްޖޭގައި ވޭޕް ވިއްކައި ބޭނުން ކުރުން މަނާކުރީ، އާއިލީ ސަބަބުތަކެއް އޮވެގެންކަމަށް ދެކެވޭ ވާހަކަތަކުން ހިތްދަތިވެ، ހިތާމަ ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވޭޕް މަނާކުރުމަށް ރައީސް މުއިއްޒު ނިންމެވީ އާއިލީ ސަބަބުތަކާއި ހުރެކަމަށް ބުނެ، އެމްޑީޕީގެ ހަރުގެ ޖަލްސާތަކާއި އެއްވުމުގައި ދަނީ އެ ތުހުމަތުތައް ކުރަމުންނެވެ. އަދި އެމަނިކުފާނުގެ 18 އަހަރު ނުވާ ދަރިކަލުންނާއި ގުޅުވައި ސޯޝަލް މީޑިއާގައި ވެސް އެކި ވާހަކަތައް ފެތުރުނެވެ. އޭގެ ތެރެއިން އެއް މައްސަލަ ގޯސްވެފައި ވަނިކޮށް، ރައީސް ބައިވެރިވެވަޑައިގެންނެވި ޕޮޑްކާސްޓެއްގައި އެމަނިކުފާނު ވަނީ މި މައުޟޫއުއަށް ވާހަކަ ދައްކަވާފަ އެވެ.
ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހިންގާ ”ދެނޯ“ ގެ ”ސްޕޮޓް އޮން“ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ބައިވެރިވެވަޑައިގެން ޕްރެޒެންޓަރ ކުރި ސުވާލަކަށް ރައީސް ވިދާޅުވީ ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ އާއިލާގެ ތެރޭގައި ހިނގިކަމެއްގެ ސަބަބުން އެޅި ފިޔަވަޅެއްކަމަށް ބުނާ ވާހަކައިގައި ހަގީގަތެއް ނެތްކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު އަބަދުވެސް ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދެކޮޅު ހައްދަވާފައިވާނެ އެވެ. އަދި ވޭޕް މަނާކުރުމަކީ ވަރަށް ކުރީއްސުރެ ދެކެވެމުން އައި ވާހަކައެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއީ ހަށިގަނޑަށް އެތައް ގެއްލުމެއް ދޭ އަމަލުތަކެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނު ދުވަހަކު ވެސް އެފަދަކަމެއް ކުރައްވާފައި ނުވާނެކަމަށެވެ.
ވޭޕް ބޭނުން ކުރުން އާންމު ކަމަކަށްވެ، އެއަށް މަސްތުވާތަކެތީގެ އެކި ބާވަތްތައް އެއްކޮށްގެން ބޭނުން ކުރާއިރު ވޭޕަށް އަޅާ ލިކުއިޑްގައި މަސްތުވާތަކެތި އެކުލެވިފައިވާކަން ނޭނގި ބައެއް ކުދިން ބޭނުން ކުރަމުންދާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބައެއް ކުދިން ވޭޕް ސްކޫލަށް ގެންދިއުމުގެ ޝަކުވާތައް އިންތިހާއަށް ލިބެމުން ދިޔައިރު، މުޖްތަމައުގައި މި ނުބައި އާދަ އިތުރު ގޯސް ހާލަތަކަށް ގޮސްދާނެކަމަށް އެތައް ބަޔަކު ކަންބޮޑުވުންފާޅު ކުރިކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސްކޫލު އުމުރުފުރައިގެ ކުދިން ވޭޕް ބޭނުން ކުރުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކި، އެ ބޭނުން ކުރަމުން ދާތީ އެތައް ޕެޓިޝަނެއް އެމަނިކުފާނަށް ލިބެމުން ދިޔަކަމަށެވެ.
މައްސަލަ އިތުރަށް ގޯސްވަމުން ދާތީ، އެކަމާއި ގުޅޭ ކެބިނެޓު މަޝްވަރާއަކަށް ގޮސް ހާލަތު އެހެން ހިސާބަކަށް ދިއުމުގެ ކުރިން ވޭޕް މަނާކުރުމަށް ނިންމެވީކަމަށް ރައީސް ވިދާޅުވި އެވެ.
އާއިލާއާއި ގުޅުވައި، އާއިލާގެ ނަން ބޭނުންކޮށްގެން ދޮގު ވާހަކަތައް ދެކެވެމުން ދާތީ އޭގެ އަސަރުކޮށް އުނދަގޫވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ދަރިން ދެކެ ވަރަށް ލޯބިވާކަމަށާއި، އެއީ ވަރަށް އަހުލާގު ރަނގަޅު ކުދިންތަކެއް ކަމަށެވެ. މިހާތަނަށް އެ ކުދިންގެ ފަރާތުން ގޯސްކަމެއް ފެނިފައި ނެތް އިރު، ހުރިހާ ކުދިންނަކީ ބަރާބަރަށް ނަމާދު ކުރާ ކުދިންކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދެކެވޭ ވާހަކަތަކަށް ދެރަވެ ހިތްދަތިވާކަމަށާއި، އެހެން ނަމަވެސް އެމަނިކުފާނު އަބަދުވެސް ކެތްތެރިކަން އިސްކުރައްވާކަމަަށެވެ.
އަސްލު ވަރަށް އުނދަގޫވާނެ ދެއްތޯ.. އަޅުގަނޑަކީ ވެސް އިންސާނެއް.. އަޅުގަނޑު އާއިލާ ދެކެ ވަރަށް ލޯބިވޭ.. ދަރީން ދެކެ ވަރަށް ލޯބިވޭ.. އެ ކުދިން ވަރަށް ރަނގަޅު.. ހަމަ އަސްލުވެސް.. ވަރަށް ރަނގަޅުވާނެ.. އަހުލާގު ރަނގަޅު ވާނެ.. ބަރާބަރަށް ނަމާދު ކުރާނެ.. ދެން ހަމަ ހިތްދަތިވާނެ، ދެރަވޭ..
މީގެއިތުރުން ރައީސް ވަނީ ސިނގިރޭޓުން ޑިއުޓީ ބޮޑުކޮށް، ބޭނުމަކީ ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުންކަމަށް ދެކެވޭ ވާހަކައިގައި ވެސް ހަގީގަތެއް ނެތްކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މަގްސަދަކީ އެއީކަމުގައި ވާނަމަ، ދުންފަތް މަނާކޮށް ވޭޕް ބޭން ނުކުރީސް ކަމަށެވެ.
ސަރުކާރުގެ ބޭނުމަކީ ދުޅަހެޔޮ މުޖްތަމައުއެއް ބިނާކޮށް، ހުރިހާ ރައްޔިތުންނަކީ ވެސް ސިއްހީ ހާލަތު ރަނގަޅު ބައެއްކަަމުގައި ވުންކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޖެނެރޭޝަން ބޭންއަކީ ވެސް ސިނގިރޭޓަށް ދެވި ހިފުން ހުއްޓުވުމަށް އަޅުއްވާފައިވާ ފިޔަވަޅެއް ކަމަށެވެ.