ގާނޫނީ އުސޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަހުގީގު ކުރުމަށް ފުލުހުންނަށް އަންގާފައިވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުނީ، ހާދިސާއާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް ބައެއް އިރުޝާދުތައް ދީފައިވާނެކަމަށެވެ. އެގޮތުން ފުލުހުން އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުމްނުގެ ޒާތީ މައުލޫމާތުތަކާއި، އޭނާގެ ވީޑިއޯއާއި ފޮޓޯތައް އާންމުކޮށްފައި ވާތީ އަނިޔާ ލިބުނު ފަރާތުގެ އަބުރާއި ކަރާމާތަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް މައުލޫމާތެއް އިތުރަށް ހާމަނުކުރުމަށާއި، މި ކަންކަން ތަކުރާރު ނުވާނެ ގޮތެއްގެ މަތީން ފުލުހުންގެ މަސައްކަތްތައް ބައްޓަން ކުރުމަށް އެދިފައިވާނެކަމަށް ބަޔާނުގައި ވެއެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރި ބައެއް މީހުން، މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތު ކުރެވުނު ނަމަވެސް، އެމީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައި ވާތީ، ކުޑަކަމުދާތަކެތި ނެގުމުގައި ގާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ފާހަގަކޮށްފައިވާތީ، ޤާނޫނީ އުޞޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަހުގީގު ކުރުމަށް އަންގާފައިވާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އަދި ބުނެފައި ވަނީ ޖިނާއީ ތަހުގީގަކާއި ގުޅިގެން މައުލޫމާތު ހާމަކުރުމުގައި ހަމަހަމަކަމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ފަރުދުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ޢަމަލުކުރުމަށާއި، ޖިނާއީ ކުށްތަކާ ގުޅިގެން މަޢުލޫމާތު ޢާންމުކުރުމުގައި އޮޅުންނާރާނެގޮތަށް، ހާމަކަމާއެކު، ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެދިފައިވާނެކަމަށެވެ. އަދި މައުލޫމާތުތައް ހާމަކުރުމުގައި ތަހުގީގަށް ހުރަސް ނޭޅޭނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް އެދިފައިވާނެކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން، މި މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިހުމާލެއް އަދި އިޖުރާއަތްތަކާ ހިލާފު އަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޕީޖީން ވަނީ އަންގާފަ އެވެ.
ބަޔާނުގައި ޕީޖީ އޮފީހުން ބުނީ މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތާމެދު އާންމުންގެ ހުރި ޝަކުވާތައް އެ އޮފީހަށް ހުށަހެޅުއްވުމުން، އެ ޝަކުވާތަކާއި މެދުވެސް، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ. އަދި، ޖިނާއީ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ފެތުރުމުގައި، ނޫސްވެރިންނާއި، އާންމު ރައްޔިތުންވެސް މައްސަލާގައި އަނިޔާލިބޭ މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެގޮތަށް ޢަމަލުތައް ބެހެއްޓުމަށް ވަނީ އެދިފަ އެވެ.